ރާއްޖޭގެ ކުނި މެނޭޖް ކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފިއެވެ.

އެގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނި ރައްކާތެރި ގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކަށް ވަނީ ހަވާލުކޮށްފައެވެ. މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނާ ރޫމްގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމްއެވެ. މި މެޝިނަރީޒްގެ އަގު 23 މިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://x.com/Thoriqibrahim/status/1836479815844860133

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަކަމުގައި ފާހަގަކުރައްވާ މިނިސްޓާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައި ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން މިއަދު ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށްވެސް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލައްވާފައިވެއެވެ.

ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ގާނޫން އަދި މަގޭ ސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއް ގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނި މެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ.

މިރަސްމިއްޔާތުގައި އެކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި ކައުންސިލަރުންގެ އިތުރުން ރައްޔިތުން މަޖިލިސްގެ ބައެއް އިއްޒަތްތެރިންނާއި ވެމްކޯގެ ބައެއް އިސް ވެރިން ވަނީ ބައިވެރިވެފައެވެ.