އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަކަށް، މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ 4 ގއެއް ބަލައި ފާސްކޮށް 16 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން އިން ބުނީ، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ މާފަންނުގައި ހުންނަ ހަތަރު ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
މީގެތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ތަންތަން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިޔަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުނެފައި ވެއެވެ.
މިތަންތަނުގެ ވީޑިއޯ އިމިގްރޭޝަނުން އާންމު ކޮށްފައިވާ އިރު، ކުދި ކޮޓަރިތަކުގައި ދެ ފަރާތުގައި ތިން ބުރިއަށް ހުންނަ އެނދު ޖަހާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި ކިއްލި ފަދަ ދުފާ އެއްޗެހި ބަންދު ކުރާ މަންޒަރުވެސް ފެނެއެވެ. ހަމައެއާއެކު ފާހާނާއެއްގެ ތެރޭގައި އުނދުނަކާއި ގޭސްފުޅިއެއް ބަހައްޓާފައިވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އަދި އަތް ދޮންނަ ސިންކު ތެރޭގައި މަހުގެ ބާވަތްތަކެއް ކޮށާފައި އަޅާފައި ހުންނަ އިރު، އެ ތަނުގެ ސާފު ތާހިރުކަން ކުޑަކަން ފާހަގަ ކުރެވެއެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ފަށާފައި ވާއިރު، މި މަހުގެ 12 ވަނަ ދުވަހު ވެސް އިިގްރޭޝަނުން ވަނީ މަލޭގެ ފަސް ގެއެއް ބަަލައި ފާސްކޮށް ފަސް ބިދޭސީއަކު އަތުލައިގެންފައެވެ. މި މަހުގެ 14 ވަނަ ދުވަހު މާލޭގައި ބިދޭސީން ދިރިއުޅޭ ފަސް ގެއެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، މި މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ބިދޭސީން ދިރިއުލޭ ތަނެއް ބަލައިހަތަރު ބިދޭސީއަކު އަތުލައިގެންފައެވެ.
ހަމައެއާއެކު މި މަހުގެ 16 ވަނަ ދުވަހު ދެ ގެއަކާއި ދެ ހޮޓާ ހިމެނޭ ހެން ހަތަރު ތަނެއް ބަަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާރު އިމިގްރޭޝަނުން ގެތައް ބަލައި ފާސްކުރާ އިރު އެތަންތަނުގައި ގިނަ އަދަދުގެ އުނދުން ބަހައްޓައިގެން ކައްކާ ނުވަތަ ގިނަ އަދަދެއްގެ ގޭސްފުޅި ބަހައްޓާފއި ހުންނަ މަންޒަރު އާންމުކުރާ ފޮޓޯތަކުން ފެނެއެވެ. އަދި ކުދި ތަންތަންކޮޅުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، އެތަނުގެ ސާފުތާހިރުކަން ކުޑަކަން ވެސް ފާހަގަ ކުރެވެއެވެ.