މ. ނަލަހިޔާ މަންޒިލް އަހްމަދު ފަޔާޒް މަރުވެފައި އޮއްވާ ފެނުނީ ހަބަރެއްނުވާތާ 2 ދުވަސްވެ، އާއިލާއިން ކޮޓަރީގެ ތަޅުހަލާކުކޮށްލައިގެން ބެލިބެލުމުން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް މޭޖާ ކްރިއިމް އިންވެސްޓިގޭޝަން، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އުމުރުން 57 އަހަރުގެ ފަޔާޒް އޭނާ ދިރިއުޅޭ ނަލަހިޔާ މަންޒިލްގެ 3 ވަނަ ފަންގިފިލާގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައި ވަނީ ރޭ 11:32 ހާއިރު ކަމަށެވެ.
ފަޔާޒްއަކީ އެކަނި ވަކިން އެ ކޮޓަރީގައި ދިރިއުޅޭ ފަރާތެއް ކަމަށާއި އާންމު ގޮތެއްގައި ކަނީ އޭނާގެ މަންމަ ދިރިއުޅޭ އެ ޕާޓްމަންޓުން ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި އެންމެ ފަހުން ކާން ގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު 9:00 ހާއިރު ދަރިފުޅު ދިރިއުޅޭ އެޕާޓްމެންޓްއަށް ކަމަށާއި ފަޔާޒްގެ މަންމަ އަދި ދަރިފުޅު ދިރިއުޅޭނީ ނަލަހިޔާ މަންޒިލްގެ ތަފާތު 2 ފްލޯއެއްގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޝިފާއު ވިދާޅުވީ ފަޔާޒް ދިރިއުޅޭ އެޕާޓްމެންޓުން ފެން ކޭހެއް މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާގެ އާއިލާއިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ރޭ 10:22 ހާއިރު ފަޔާޒް ދިރިއުޅޭ އެޕާޓްމެންޓް ކައިރިއަށް ދިޔަ އިރު، ކޮޓަރި ކައިރީގައި ފައިވާން ހުރިކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފަޔާޒް ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ކާން ނުދާތާ 2 ދުވަސްވެގެން އާއިލާއިން އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅު ހަލާކުކޮށްލައިގެން ކޮޓަރީގެ ދޮރު ހުޅުވި އިރު ކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ. އެގެއަކީ އެކްސެސް ކޮންޓްރޯލްކޮށް، ކޮންޓްރޯލް ލޮކް ސިސްޓަމް ހަރުކުރެވިފައިވާ ގެއެއްކަން ވެސް ޝިފާއު ވަނީ ފާހަގަ ކުރައްވާފައެވެ.
ޝިފާއު ވިދާޅުވީ ސެޕްޓެމްބަރު 16 ވަނަ ދުވަހު 2:54 ގައި ފަޔާޒް އޭނާ ދިރިއުޅޭ ކޮޓަރިއަކަށް އެކަނި ވަންނަނިކޮށް އެ ފަންގިފިލާގައި ހަރުކޮށްފައިވާ ސީސީ ޓީވީ ކެމެރާއަށް އަރާފައިވާ ކަމަށެވެ. އަދި އިތުރަށް ސީސީ ޓީވީ ބަލައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް ފަރާތެއް ކަމަށެވެ.