ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް މިއަދުގެ ވަގުތެއްގައި އައްޔަންކޮށްފިއެވެ.

އައްބާސް ޕްރޮސެކިއުޓަރު ޖެނެރަލްކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން އޭނާ އާ ހަވާލުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ، އައްބާސް މިވަގުތު ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވަމުންދާ ކަމަށެވެ.

އައްބާސް ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އައްޔަންކުރަން ރައީސް އޭނާގެ ނަން ފޮނުއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިދިޔަ ހޯމަ ދުވަހު އައްބާސް އަށް ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް އެކަން ހުށަހެޅުމުން މަޖިލީހުން އޭނާ އަށް ރުހުން ދިނީ އިއްޔެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ, ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ ވަކިކުރަން އެ ދުވަހުގެރޭ ފާސްކޮށްފައެވެ. ޝަމީމްގެ އިތުރުން ތިން ބޭފުޅަކު ރާއްޖޭގެ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވެއެވެ. އެއީ:

  • އަހްމަދު މުއިއްޒު (ސެޕްޓެމްބަރު 4, 2008 – ނޮވެމްބަރު 25, 2013)
  • މުހުތާޒް މުހުސިން (ޖުލައި 23, 2014 – ނޮވެމްބަރު 11, 2015)
  • އައިޝަތު ބިސާމް (ނޮވެމްބަރު 24, 2015 – ނޮވެމްބަރު 28, 2019)

މި ތިން ބޭފުޅުންގެ ތެރެއިން މުހުތާޒު ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.

އައްބާސް ވަނީ 2011 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އައްބާސް މަތީ ތައުލީމް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިންނެވެ. ހަމަ އެއާއެކު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫންއަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް އޭނާ ކުރެއްވިއެވެ.

އެންމެ ފަހުން އައްބާސް އަދާކުރެއްވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމެވެ.