ޝަކުވާ ހުށަހެޅުމުން، ޝަރީއަތް ފަސްކޮށްދިނުމަށް އެދެނީ ހަމައެކަނި ހުކުމާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިހާރު ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ޕީޖީ އޮފީހުން ވަނީ ހުޅުވާލާފައެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށެވެ.

ބަންދު މުރާޖައާކުރުމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައިވާ ނިންމެވުމާއެކު، ޝަކުވާ ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާކޮށް، އެންމެ އަވަސްމިނުގައި ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ހާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖައާ ކުރުމަށްޓަކައި ކޯޓުގެ ސަމާލުކަމަށް ގެންދެވޭނެ ކަމަށެވެ.

ބަންދު މުރާޖައާކުރުމަށް އެދި ހުށަހަޅާ ފޯމު ޕީޖީ އޮފީސް އަދި އެ އޮފީހުގެ ގޮފިތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި އަދި އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޕީޖީއިން ވަނީ އެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.

ޕީޖީގެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ދިރާސާކޮށް ވަކިވަކިން މުރާޖައާކުރުމަށް ފަހު، އެކަމަށްޓަކައި އެކުލަވާލެވިފައިވާ ހާއްސަ ކޮމިޓީން ގޮތްތައް ނިންމާނެ ކަމަށް ޕީޖީ އައްބާސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ޝަކުވާތައް ހުށަހަޅާއިރު މުރާޖައާކުރަންވީ ސަބަބު އޮޅުންފިލާނެހެން ބަޔާންކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އައްބާސް އިތުރަށް ވިދާޅުވެފައި ވަނީ އެއްވެސް މައްސަލައަކާ ގުޅިގެން ޕީޖީގެ އޮފީހުން ނިންމި ނިންމުމެއް ބަދަލުކުރާ ހާލަތެއްގައި ސަބަބު އާންމުކުރާނެ ކަމަށާއި އަދި ބަދަލުނުކުރާނަމަ، އެ ސަބަބު ޝަކުވާ ހުށަހެޅި ފަރާތާ ހިއްސާކުރާނެ ކަމަށެވެ.