އެކި އެކި ސަބަބުތަކާހުރެ ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާއަށް ހުށަހަޅާފައިވާ ޝަކުވާތައް ރަސްމީކޮށް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭ ސިޓީ އާއި އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މި ނިންމީ އެ ހުރިހާ ޝަކުވާއެއް އަދި އޭގެ އިތުރަށް ވެސް ހުރި ޝަކުވާއެއް ކަމަށް ވެއްޖިއްޔާ އެކަން ފޯމަލައިޒްކޮށްފަ މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާއަށް ގޮސް، ނުވަތަ ވެބްސައިޓުން ވެސް އެ އިދާރާއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމް ގާއިމްކުރެވިފައިވާ ކަމަށާއި، އެގޮތަށް ހުށަހެޅޭ ޝަކުވާތައް ދިރާސާކޮށް ވަކިވަކިން މުރާޖައާކުރުމަށް ފަހު، އެކަމަށްޓަކައި އެކުލަވާލެވިފައިވާ ހާއްސަ ކޮމިޓީން ގޮތްތައް ނިންމާނެ ކަމަށެވެ. އެއާއެކު އައްބާސް އެދިވަޑައިގަތީ، ޝަކުވާތައް ހުށަހަޅާއިރު މުރާޖައާކުރަންވީ ސަބަބު އޮޅުންފިލާނެހެން ބަޔާންކޮށްދީ ހުށަހެޅުމަށެވެ.
އޭނާ ވިދާޅުވީ، އެއްވެސް މައްސަލައަކާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާއިން ނިންމި ނިންމުމެއް ބަދަލުކުރާ ހާލަތެއްގައި ނިންމުން ބަދަލުކޮށްފިނަމަ އެ ސަބަބު އާންމުކުރާނެ ކަމަށާއި، އެހެން ނޫން ނަމަ ބަދަލުނުކުރާ ސަބަބު ޝަކުވާ ހުށަހެޅި ފަރާތާ ހިއްސާކުރާނެ ކަމަށެވެ.
ހުށަހެޅިފައިވާ މައްސަލަތަކަކީ ކޮބައިކަން ކުރުކޮށް ދަންނަވައި އައްބާސް ވިދާޅުވީ އާންމުގޮތެއްގައި ޝަކުވާތައް ލިބިފައިވަނީ ކޯޓުގައި ކޮށްފައި ހުރި ދައުވާތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ވާނުވާ ބަންދުގައި ބައެއް މީހުން ގިނަ ދުވަސްވަންދެން ތިބުމުން އެ މީހުންނަށް ލުއި ހޯދުމަށްޓަކައި ހުށަހެޅުންތައް ވެސް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.