ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ހަނދާނެއް ނެތް ކަމަށާއި، ޔާމީނަށް ދައުވާކުރާ މައްސަލަތަކުގައި ތަނާޒުލްވާން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވުމަށް ފަހު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ، ޔާމީންގެ ޕާސަނަލް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކަމުގެ ހަނދާނެއް ނެތް ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި އޭރު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އަދި ޔާމީނަކީ ޕާޓީގެ ރައީސަށްވުމުން ޔާމީނާ މުއާމަލާތްކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ރައީސް ޔާމީންގެ ލޯޔަރެއްގެ ހައިސިއްޔަތުން ކޯޓަށް ދިޔަ ހަނދާނެއް އަޅުގަނޑު ނުވޭ، އަޅުގަނޑު ރެކޯޑްސް ބަލާލާނަން، އަޅުގަނޑަށް ކޯޓަށް ދެވިފަ ހުރި ކަމަށް ވަންޏާ އަޅުގަނޑު ތަނާޒުލްވާންޖެހޭ ހާލަތެއް އަންނާނެ، އެހެން ނޫންތޯ؟ އެ ހާލަތުގަ އަޅުގަނޑު ތަނާޒުލްވާނަން،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ޕްރޮސެކިއުޓަރު ޖެނެރަލް ތަނާޒުލްވާ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ އުސޫލުތަކެއް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، އޭނާގެ ފުރިހަމަ އިތުބާރު އެ އުސޫލުތަކަށް އެބައޮތް ކަމަށެވެ. އެއާއެކު އޭނާ ވަނީ ޔާމީންގެ މައްސަލައާއި އެހެން މައްސަލަތައް ވެސް އިންސާފުވެރިކޮށް ހިނގާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މީގެ ކުރިން ޔާމީންގެ ވަކީލުންގެ ޓީމުގައި މަސައްކަތްކުރެއްވި އައްބާސް ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި މަސައްކަތްކުރައްވައިފައެވެ.

މިހާރު ވެސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ހިނގަމުން ދެއެވެ.