މާލެއިން 4 ތަނެއް ބަލާ ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނާއި ފުލުހުން މާލެ ސަރަހައްދުގައި ސިލްސިލާކޮށް ހިންގަމުންދާ ރެއިޑްތައް ފުޅާކޮށް، މިހާރު ދަނީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ، އެގޮތުގެ މަތިން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސް ކުރުމުގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހު ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެތެރޭގައި، 02 ގެއަކާއި 02 ހޮޓާ ހިމެނެއެވެ. މި ހަތަރު ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އިމިގްރޭޝަނުން ހިންގި އޮޕްރޭޝަންގެ ތެރެއިން

މި ތަންތަނުގެ ފޮޓޯ އިމިގްރޭޝަނުން އާންމު ކޮށްފައިވާ އިރު، އެއް ފޮޓޯއިން ފެންނަނީ 3 ގޭސް ސިލިންޑަރު ކައިރި ކައިރީ ބަހައްޓާފައި ހުރި މަންޒަރެވެ. އަދި ސާފުތާހިރުކަން ކުޑަ ބަދިގެއެއްގެ ފޮޓޯ އާންމުކޮށްފައިވާ އިރު، އެވަގުތުވެސް ކައްކަމުންދިޔަ މަންޒަރު ފެނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ދަނީ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

އަދި ހަމައެހެންމެ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.