ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި، މިއަދު ހިނގި މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އެ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅުކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެެވެ.

ދާދި ފަހަކުން ދ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮތް ދެ ފަޔުރުވެރިއަކު ވެސް ވަނީ ނިޔާވެފައެވެ.

ރިސޯޓެއްގައި މޫދަށް ފޭބި ދެ މީހުން މަރުވިއިރު ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ނިޔާވެފައި ވަނީ ކޮލަމާފުށީ، އުދަރެސް، އަހުމަދު މިސްހާގު 45، އެވެ.

މިފަދަ ހާދިސާތައް ވަރަށް ގިނައިން ރާއްޖޭގައި މިހާރު އަންނަނީ ހިނގަމުންނެވެ.