އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ޚާއްސަ ގިވްއަވޭއެއްގެ ދަށުން، ދުވުމަށް ޝައުގުވެރިވާ 10 ފަރާތަކަށް އުރީދޫ ދޯހާ މެރެތަން 2027 ގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދުޅަހެޔޮ ދިރިއުޅުމަކާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން، މުވާސަލާތީ ހިދުމަތްތަކުގެ ބޭރުން ކަސްޓަމަރުންނަށް މާނަހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތަކީ މި ސަރަހައްދުގައި ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް ބައިނަލްއަގުވާމީ ދުވުމުގެ މުބާރާތުގައި ވާދަކުރުމަށް ދިވެހި ދުވުންތެރިންނަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
މި ގިވްއަވޭއިން ހޮވޭ 10 ނަސީބުވެރިންނަށް ދޯހާ މެރެތަންގައި ހިލޭ ރަޖިސްޓަރީވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބައިވެރިންގެ ދުޅަހެޔޮކަމާއި އަމާޒުތަކަށް ބަލައި، ހަތަރު ކެޓަގަރީއަކުން ދުވުން ހިޔާރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 5 ކިލޯމީޓަރުގެ ދުވުން
- 10 ކިލޯމީޓަރުގެ ދުވުން
- ހާފް މެރެތަން
- ފުލް މެރެތަން
މިއީ ބައިނަލްއަގުވާމީ ރޭހެއް އަލަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށާއި، ތަޖުރިބާކާރު އެތުލީޓުންނަށްވެސް ބައިނަލްއަގުވާމީ މައިދާނެއްގައި ދުވުމުގެ ތަޖުރިބާ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން އުރީދޫއިން އަންނަނީ ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުންދީ، ހަރަކާތްތެރި ދިރިއުޅުމަކަށް މީހުން އަހުލުވެރިކުރުވައި ބައިނަލްއަގުވާމީ މުޖުތަމައުއާ ދިވެހިން ގުޅުވައިދިނުމަށް މަސައްކަތްކުރަމުންނެވެ.
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު 14 އޮކްޓޫބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ލިންކު މެދުވެރިކޮށް ރަޖިސްޓަރީވެވޭނެއެވެ.
ނަސީބުވެރި 10 ފަރާތަށް ރޭހުގައި ހިލޭ ރަޖިސްޓަރީވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ދަތުރުފަތުރާއި ހުރުމުގެ އެންމެހައި ހަރަދުތައް ހަމަޖައްސަންޖެހޭނީ އެ ބައިވެރިއަކު އަމިއްލައަށް ކަމަށް ވެއެވެ. މުޅި ރާއްޖޭގައި ތިބި ދުވުންތެރިންވެސް މި ފުރުސަތުގެ ބޭނުން ހިފައި، ބައިނަލްއަގުވާމީ މައިދާނަށް ދުވުމުގެ ހުނަރު ގެންދިއުމަށް އުރީދޫއިން ވަނީ އެދިފައެވެ.
