ދިވެހި ފިލްމު އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދިން ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމު "ބިބީ" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ދަ ޕްރެސް އަށް ބުނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށް އޮލިމްޕަސް ކައުންޓަރު ހުޅުވާލާފައިވާނެކަމަށެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ރިން މި ފިލްމަށް ދިން ނަމަކީ "އަވަ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ވަނީ "ބިބީ" އަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުވެސް ހަރަކާތްތެރިވާނެއެވެ.

ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. ބެލުންތެރިން ބިރުގަންނުވާލުމަށް ފަހު ހެއްވާލާނެ މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ.