ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ފިލްމް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް މޫނު ކަމުގައިވާ އަހުމަދު ނިމާލް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށް ދިނުމަށް އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން އެދިއްޖެއެވެ.
މި ދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިމާލަށް ސްތްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ޖެހިގެން އައި ދުވަހު އައިޖީއެމްއެޗް ގެ އައިސީޔޫއަށް ބަދަލު ކޮށްފައެވެ. މިހާރު އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހުނު ހަބަރާއެކު ފިލްމް އިންޑަސްޓްރީގެ އިތުރުން އާންމުންގެ ގިނަ ބަޔަކު އަންނަނީ އެ އާއިލާ ކުރަމުން އަންނަ ހިތާމައިގައި ބައިވެރިވަމުންނެވެ. ނަމަވެސް ދާދި ފަހުން ބައެއް ފަރާތްތަކުން ވަނީ ނިމާލް ނިޔާވެއްޖެ ކަމުގެ ދޮގު އަޑުތައް ވެސް ފަތުރާފައެވެ. މިކަން ދޮގުކޮށް ނިމާލްގެ އާއިލާ އާއި ރަހްމަތްތެރިން ވަނީ ނިމާލަށް ބޭނުންވަނީ ތިޔަ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާ ކަމަށް ބުނެފައެވެ.
'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ނިމާލްގެ ގާތް ފަރާތަކުން ބުނީ، އޭނާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ކުރިއަށް ވުރެ ހާލު ގޯސް ނުވާ ކަމަށާއި އަދި ހާލު ރަނގަޅުވެސް ނުވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ބެލެވޭ ގޮތުގައި ނިމާލް އޮތީ ކޯމާގެ ހާލަތުގައި ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ. މި ވަގުތު ނިމާލަށާއި އޭނާގެ އާއިލާއަށް ބޭނުންވަނީ ތިޔަ ހުރިހާ އެންމެންގެ ފަރާތުން ހެޔޮ ދުއާ ކަމަށް ވެސް އެ ފަރާތުން ބުނެއެެވެ.
ނިމާލް އެންމެ ފުރަތަމަ ފިލްމީ މަސައްކަތާ ގުޅުނީ 1984 ގައެވެ. އެ އަހަރު "ނުފޫޒު" ފިލްމްގެ ލީޑް ރޯލުން ނިމާލް ފެނިގެން ގޮސްފައިވާ އިރު، ނިމާލް އާންމުންގެ މަގްބޫލުކަން ހޯދާފައި ވާ އަނެއް ރޯލަކީ ބިރުކުޑަ އަލީގެ ރޯލެވެ.
ނިމާލް ކުޅެފައިވާ ފިލްމްތަކަށް ބަލާއިރު ޔޫސުފް، ނިއުމާ، ޒަލްޒަލާ، ސަބަބު، އުދާސް، މިހަށިން ފުރާނަ ދަންދެން ފަދަ ފިލްމްތައް ފާހަގަ ކުރެވެއެވެ. މިފަހުން އޮލިމްޕަހުގައި އެޅުވި ކަނބުލޮ، ލިލީ، ކޮސް ގިނަ މިސްޓޭކްސްގައި ނިމާލް ފެނިގެންގޮސްފައި ވެއެެވެ.
އެކްޓްކުރުމުގެ އިތުރުން ނިމާލްއަކީ ކުޅަދާނަ ޑައިރެކްޓަރެއް ވެސް މެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޭނާ އަމިއްލައަށް ލިޔެ ޑައިރެކްޓްކުރި ފިލްމް "ސިޓީ"އެވެ. މި ފިލްމްގައި ނިމާލްގެ މިހާރުގެ އަންހެނުން ފާތިމަތު ރަމީޒާ ވެސް ފެނިގެން ގޮސްފައި ވެއެވެ.
ފިލްމީ ދާއިރާއަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ އޭނާއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ދީފައެވެ.
ނިމާލް 3 މީހުނާ ކައިވެނި ކޮށްފައި ވާއިރު 4 ދަރިން އެބަތިއްބެއެވެ.
