ޑައިރެކްޓަރު އަދި ފިލްމީ ތަރި އަހުމަދު ނިމާލްގެ ކަށު ނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދާތާ ގާތްގަނޑަކަށް 2 މަސް ދުވަހާ ގާތްވެފައި ވަނިކޮށް ނިމާލް ނިޔާވެފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:50 ހާއިރުއެވެ. ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގުބޫލު މޫނެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައިވާ ނިމާލަށް ސްޓްރޯކް ޖެހުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.
ސްޓްރޯކް ޖެހުނީ ސައިކަލުގައި އޭނާ ދަނިކޮށް އެނބުރުން އަރާ ގޮތްވެގެން މަގުގެ އެއްފަރާތުގައި މަޑުކޮށްލި ވަގުތު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭރު ނިމާލަށް ހުރެވުނީ އޭޑީކޭ ހޮސްޕިޓަލާ ދާދި ގާތުގައި ކަމުން، ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޖެހިގެން އައި ދުވަހު އައިޖީއެމްއެޗް ގެ އައިސީޔޫއަށް ބަދަލު ކުރިއެވެ.
ނިމާލަށް ޖެހުނު ސްޓްރޯކަކީ މޭޖާ ސްޓްރޯކަކަށް ވުމާއެކު އޭނާ ކޯމާ ސްޓޭޓަސް އަކަށް ދިޔަ ކަމަށާއި، އެއާއެކު ރެސްޕޮންޑް ކުރުން ހުއްޓިގެން ދިޔަ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. އައިޖީއެމްއެޗްގައި ވެސް އޮތީ އެހާލަތުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ނިމާލަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އޭރު އާއިލާއިން މަސައްކަތް ކުރިއެވެ. ނަމަވެސް އޭރުންސުރެ ނިމާލް ވެންޓިލޭޓަރުގައި އޮތުމާއި، ރެސްޕޮންޑް ނުކުރުމާއި ހާލަތު ނާޒުކު ކަމުން ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ހުއްދަ ދީފައެއް ނުވެއެވެ.
ނިމާލްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައެވެ. އެހެންކަމުން ވީހާވެސް ގިނަބަޔަކު ނިމާލްގެ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
ދިވެހި ފިލްމީ ދާއިރާއަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1991 ގައި ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައި ވާއިރު، އޭނާ އަކީ ފިލްމް ޑައިރެކްޓް ކުރަން ފެށުމުގެ ކުރިން 1984 ގައި އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ތަރިއެކެވެ. އުމުރުން 62 އަހަރުގައި ނިމާލް ނިޔާވި އިރު، 4 ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ.
