މާލޭ ގެއަކަށް މީހަކު ވައްދާ، ފޭރުނު މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، އުމުރުން 43 އަހަރުގެ އާއިޝަތު އަދި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުހައްމަދު ރީހާންގެ އިތުރުން ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީގު އިބްރާހީމް އެވެ.

މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން މި 3 މީހުން ހައްޔަރުކޮށްފައި ވާއިރު، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި 3 މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.