ރާއްޖެ އާއި ޗައިނާއާ ދެމެދު، ދެގައުމުގެ ފައިސާއިން މުއާމަލާތުކުރަން ފެށުމުން، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވިޔަފާރީގެ އެކި ބޭނުންތަކަށް ޑޮލަރުން ކުރަން ޖެހޭ މުއާމަލާތަށް ލުޔެއް ހޯދުމަށް ޗައިނާ އާއި ރާއްޖެ އާ ދެމެދު ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ފައިސަލް ވިދާޅުވީ ޗައިނާއަކީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި ވަރަށް ގިނަ ވިޔަފާރީގެ މުއާމަލާތްތައް ރާއްޖެއިން ކުރާ ގައުމެއްކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ގިނަ މުދަލުގެ މުއާމަލާތްތައްވެސް ކުރާ ގައުމެއްކަމުގައި ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ފައިސާއިން މުއާމަލާތުކުރަން ފެށުމުން، ރާއްޖެ އަންނަ ފަތުރުވެރިން ކުރާ ފައިސާގެ މުއާމަލާތްތައް ފަސޭހަވެގެން ދާނެކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ސިޔާސަތަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދާނެ ކަމެއްކަމަށެވެ.

ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި ރާއްޖެ އާ ދެމެދު ގާއިމު ކުރި އެމްއޯޔޫއާއެކު ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެގައުމުގެ ފައިސާއިން ކުރެވޭގޮތަށް އެއްބަސްވެ އޮނިގަނޑެއް އެކުލަވާލައި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކުގެ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެއެވެ.