ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ޗެމްޕިއަންކަން ކިރްގިސްތާން ޓީމުން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލްގައި ރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރިއިރު، މި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނުންނެވެ.

ފައިނަލް މެޗަށްފަހު ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މުބާރާތުގައި ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ދެއްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫހާ މެދު ފަހުރުވެރިވާ ކަމަށްވެސް މި ޕޯސްޓުގައި ވިދާޅުވިއެވެ. " އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް މިރޭ ތިޔައީ ދިވެހިންގެ ޗެމްޕިއަނުން " ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހި ގައުމީ ވޮލީޓީމް ކާވާ އަންހެން ވޮޅީ ބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނު މިއީ ދެވަނަ ފަހަރެވެ. މި ސެޕްޓެމްބަރު މަހުގެ 6 އިން 11 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރީ ދިވެހިރާއްޖެ، އަފްގާނިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނެވެ.