ދިވެހިރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއު ކަމަށް ސަރުކާރުން ސިފަކުރާ ރަސްމާލެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ އަގާމެދު ރަސްމީ ދެ އިދާރާއަކުން ދެ ގޮތަކަށް ވާހަކަދައްކައިފިއެވެ. ސަރުކާރުން ނެރުނު ރަސްމީ ބަޔާނުގައި މި މަޝްރޫއަކީ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށް ބުނެފައިވާއިރު، މަޝްރޫއުގެ ޑިވެލޮޕަރު ކަމަށްވާ އަބޫދާބީގެ އީގަލް ހިލްސްއިން މިހާރު ބުނަނީ މިއީ 12 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. މިއާއެކު، މަޝްރޫއުގެ ޖުމްލަ އަގާމެދު 8 ބިލިއަން ޑޮލަރުގެ ބޮޑު ފަރަގެއް ވަނީ އުފެދިފައެވެ.
މިއީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އިންތިހާއަށް ބޮޑު އަދަދެކެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާއިރު، މަޝްރޫއުގެ އަސްލު އަގާމެދު އުފެދިފައިވާ މި ސުވާލުތަކަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަބާރުގެ ރަސްމީ ވެބްސައިޓުގައި ވެސް އާންމުކޮށްފައިވަނީ 12 ބިލިއަން ޑޮލަރުގެ އަދަދެވެ. ދެ ފަރާތުގެ ރަސްމީ ލިޔެކިޔުންތަކުގައި މިހާ ބޮޑު ތަފާތެއް އުޅޭ ސަބަބު މިހާތަނަށް ސަރުކާރުން ވެސް އަދި އީގަލް ހިލްސްއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެއް އިބާރާތެއް، ދެ އަދަދެއް
މި ފަރަގު ބޮޑަށް ފާހަގަކުރެވެނީ، ދެ ފަރާތުން ވެސް މި އަދަދުތައް ބޭނުންކޮށްފައިވަނީ މަޝްރޫއުގެ އެކި ބައިތަކަށް ނިސްބަތްކޮށް ކަމަށް ނުވާތީއެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ މިއީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ، ޖުމްލަ 20 ބިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ރަސްމީ ވެބްސައިޓުގައި ހަމަ އެ އިބާރާތް ބޭނުންކުރުމަށްފަހު، މަޝްރޫއުގެ ޖުމްލަ އަގަކީ 12 ބިލިއަން ޑޮލަރު ކަމަށް ވަނީ ބުނެފައެވެ.
އާންމުކޮށް ފެންނަން ހުރި ލިޔެކިޔުންތަކަށް ބަލާއިރު، 12 ބިލިއަން ޑޮލަރަކީ އީގަލް ހިލްސްގެ ސީދާ އިންވެސްޓްމަންޓް ކަމަށާއި 20 ބިލިއަން ޑޮލަރަކީ މަޝްރޫއުގެ ޖުމްލަ އަގު ކަމަށް ނިންމޭކަށް ނެތެވެ. ސަބަބަކީ ދެ އަދަދު ވެސް ހުށަހަޅާފައިވަނީ މުޅި މަޝްރޫއުގެ ޖުމްލަ ތަރައްގީގެ މިންވަރު ނުވަތަ 'އޯވަރޯލް ޑިވެލޮޕްމަންޓް ސްކޭލް' ގެ ގޮތުގައި ކަމަށް ވާތީއެވެ. މި 8 ބިލިއަން ޑޮލަރުގެ ތަފާތު އައި ގޮތުގެ ތަފްސީލެއް، ނުވަތަ އެ ފައިސާ ހަރަދުކުރަނީ ކޮން ކަންތައްތަކަކަށް ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓް އާންމުކޮށްފައި ނުވާތީ، އެއްބަސްވުމުގައި އޮތީ ކޮން އަދަދެއްކަން ވެސް ކަށަވަރުކުރެވޭކަށް ނެތެވެ.
ފުރަތަމަ އާންމުވީ 20 ބިލިއަން ޑޮލަރުގެ އަދަދު
މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށް ބުނެފައިވަނީ ހަމައެކަނި ދިވެހި ސަރުކާރުގެ ބަޔާނަކު ނޫނެވެ. ޒަވްޔާ އަދި ޓްރޭޑްއަރަބިއާ ފަދަ ބައިނަލްއަގުވާމީ ވިޔަފާރި ހަބަރުތައް ގެނެސްދޭ ޕްލެޓްފޯމްތަކުގައި ވެސް މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުތަކުގައި، އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާ ހަވާލާދީ، ބޭންކިންގ ނިޒާމުގެ ތެރެއިން ދިހަވަރަކަށް ބިލިއަން ޑޮލަރު ދައުރުވާނެ ކަމަށް ބުނެފައިވެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ވެސް ރިޕޯޓުކޮށްފައިވަނީ މިއީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށެވެ.
މީގެ އިތުރުން، މާލީ ވަޒީރު ހަސަން ޒަރީރު ވެސް ވަނީ މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އެ އަދަދު އަޅައިކިޔުއްވާފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން 5،000 ހައުސިންގ ޔުނިޓް އަޅާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި ކަމަށް ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ޑިވެލޮޕަރާ ގާތް ގުޅުމެއް އޮންނަ ބައިނަލްއަގުވާމީ މީޑިއާތަކުން މިހާރު ރިޕޯޓުކުރަނީ 12 ބިލިއަން ޑޮލަރުގެ އަދަދެވެ. ޔޫއޭއީގެ ނޫހެއް ކަމަށްވާ 'ދަ ނޭޝަނަލް' އިން މިހާރު ރިޕޯޓުކޮށްފައިވަނީ އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު ސޮއިކުރީ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ކަމަށެވެ. އެހެންނަމަވެސް، ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގައި އަޕްޑޭޓްކޮށްފައިވާ އެ ނޫހުގެ އާޓިކަލްގެ ވެބް އެޑްރެހުގައި އަދިވެސް "20 ބިލިއަން" މިހެން ލިޔެފައިވެއެވެ. މިއިން ދޭހަވަނީ އީގަލް ހިލްސްއިން 12 ބިލިއަން ޑޮލަރުގެ އަދަދު ބޭނުންކުރަން ފެށުމުގެ ކުރިން، 20 ބިލިއަން ޑޮލަރުގެ އަދަދު ހިމެނޭ ބަޔާނެއް ދައުރުވި ކަމެވެ.
އުނިކޮށްފައިވާ އިގުތިސާދީ އަންދާޒާތައް
ދެ ފަރާތުގެ ރަސްމީ ބަޔާންތައް އަޅައިކިޔާއިރު، ތަފާތަކީ ހަމައެކަނި އަދަދަށް އައިސްފައިވާ ބަދަލެއް ނޫނެވެ. ސަރުކާރުގެ ބަޔާނުގައި އިގުތިސާދީ ގިނަ އަންދާޒާތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، މަޝްރޫއު ނިމުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި 30 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށާއި، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ވަންނާނެ ފައިސާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން 54،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ވެއެވެ.
ނަމަވެސް، ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ މެންދުރުފަހު 3:44 ގައި އީގަލް ހިލްސްއިން އާންމުކުރި ބަޔާނުގައި މި ވަކިވަކި އަދަދުތަކެއް ނުހިމެނެއެވެ. އޭގެ ބަދަލުގައި އެ ބަޔާނުގައި ބުނެފައިވަނީ ބިލިއަނުން ގުނާލެވޭ ޑޮލަރުގެ އިންވެސްޓްމަންޓާއި ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ބަޔާނުގައި ނެތް އާ މައުލޫމާތުތަކެއް އީގަލް ހިލްސްގެ ބަޔާނުގައި ހިމަނާފައިވެއެވެ. އެގޮތުން، ބިންތައް ދޫކުރާނީ 99 އަހަރުގެ މުއްދަތަށް ކަމަށާއި، ވިއްކާލުމުން ނުވަތަ ވާރުތަވުމުން އަލުން 99 އަހަރުގެ މުއްދަތެއް ފެށޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މަޝްރޫއު ހިންގާނީ ހިއްކާފައިވާ ބިމެއްގައި ކަމަށްވާތީ، އިތުރަށް ބިން ނުހިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މައްސަލަ އިތުރަށް ގޯސްވަނީ، 'ދަ ނޭޝަނަލް' ގެ އާޓިކަލްގައި 12 ބިލިއަން ޑޮލަރުގެ ވާހަކަ އޮތް ނަމަވެސް، ސަރުކާރުގެ ބަޔާނުގައި ހުރި 30 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި 54،000 ވަޒީފާގެ ވާހަކަ އަދިވެސް އެ ނޫހުގައި ހިމަނާފައި އޮތުމުންނެވެ. މިއިން ދައްކައިދެނީ، އާންމުކޮށް ފެންނަން ހުރި މައުލޫމާތުތަކުގައި މި ދެ ވާޝަންގެ މައުލޫމާތުތައް މަސްހުނިވެފައިވާ ކަމެވެ.
އާންމުނުކުރާ އެއްބަސްވުމާއި ޖަވާބުނުލިބޭ ސުވާލުތައް
މަޝްރޫއުގެ ޖުމްލަ އަގާއި، އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ ފައިސާގެ އަދަދާ ދެމެދު ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަބާރު 'ދަ ނޭޝަނަލް' އަށް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މަޝްރޫއުތަކަށް ފައިސާ ހޯދަނީ އިކުއިޓީ، ލޯނު އަދި ކުރީބައިގައި ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާއިންނެވެ. މިއީ 10 ނުވަތަ 15 އަހަރަށް ދެމިގެންދާ ގޮތަށް ރާވާ ކަންކަމެވެ. އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިއީ އީގަލް ހިލްސްއިން ރާއްޖެއަށް ކުރާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކޭ ބުނުމަކީ ލިޔެކިޔުންތަކުން ފެންނަން އޮތް ހަގީގަތާ ތަފާތު ގޮތަކަށް މާނަކުރެވިދާނެ ކަމެކެވެ.
މި ހުރިހާ އޮޅުންތަކެއްގެ އަސްލަކީ ދެ ފަރާތުން ސޮއިކުރި 'ކޮމާޝަލް ޓާމްސް އެގްރީމަންޓް' އާންމުކޮށް ފެންނަން ނެތުމެވެ. އެ އެއްބަސްވުން އާންމުކުރުމުން، މަޝްރޫއުގެ އަސްލު އަގަކީ ކޮބައިކަމާއި، އީގަލް ހިލްސްގެ ޒިންމާތަކާއި، ދައުލަތަށް އާމްދަނީ ލިބޭނެ ގޮތުގެ ތަފްސީލުތައް ސާފުވާނެއެވެ. ސަރުކާރާއި އީގަލް ހިލްސްއިން ވެސް ބުނެފައިވަނީ މި މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތުން ލޯނު ނުނަގައި، އަދި ޓެކްސް މާފުކުރުމެއް ނެތި ކަމަށެވެ. ނަމަވެސް، ޕްރޮޕަޓީ ވިއްކައިގެން ދައުލަތަށް އާމްދަނީ ލިބޭނެ މޮޑެލްއެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެއްބަސްވުން އާންމުކުރަންދެން ނުވަތަ ރަސްމީ އިދާރާއަކުން ސާފުކޮށްދެންދެން، ދިވެހި ސަރުކާރުގެ ރަސްމީ އަދަދަކީ 20 ބިލިއަން ޑޮލަރެވެ. އަދި އީގަލް ހިލްސްއިން ބުނާ އަދަދަކީ 12 ބިލިއަން ޑޮލަރެވެ. ދެ ބަޔާނުގެ ދެމެދުގައި މި ބަދަލުތައް އައީ ކީއްވެގެންކަން އަދިވެސް ވަނީ ސާފުނުވެފައެވެ.
