އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ފޮނުވަން ނިންމާފައިވާ މަސްދަޅު ކޭސްތަކުގެ ތެރެއިން 7،800 ކޭސް އަންނަ އާދީއްތަ ދުވަހު ފޮނުވާލާނެ ކަން، ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު 7،800 ކޭސް، މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ފަލަސްތީނަށް ފޮނުވާލާނެ ކަމަށެވެ. އެ ޝިޕްމަންޓް ފަލަސްތީނަށް ލިބޭނީ 40 ދުވަސް ފަހުން ކަމަށާއި، އޭގެ ފަހުން މިސްރުގެ ރެޑް ކްރެސެންޓުން ފަލަސްތީނުގެ ރެޑް ކްރެސެންޓާ އެ ތަކެތި ހަވާލުކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ރާއްޖެއިން ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާ މަސްދަޅުތަކަކީ ނިމިދިޔަ ސަރުކާރުން އޮކްޓޯބަރު މަހު ފޮނުވަން ނިންމި މަސްދަޅުތަކެކެވެ. އެ މަސްދަޅުތައް ފޮނުވުން ލަސްވެގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން އޭރު ބުނީ، ދަތިތައް ހުރުމުން ފަލަސްތީނަށް އެއްޗެހި ފޮނުވަން ލަސްވަނީ ކަމަށެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އދ ގެ ޖަމިއްޔާ އެއް ކަމަށްވާ އަންރުވާ އަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގައެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ލަސްވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ހީނާ ވަނީ ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުނުވާ ކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.