ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ދިއުމަށް ފުރައިފާވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނ. ހޮޅުދޫ ގެެއެއްގެ ތެެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ އެވެ.
ފުލުހުން ބުނެފައި ވަނީ ހޮޅުދޫ ގެ އެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތްކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން ފުލުހުން އެ ގެއަށް ގޮސް އަންހެން މީހާ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަަމަށެވެ. އަދި އެ އަންހެން މިހާ މަރުވެފައިވާ ކަމަށް ހޮޅުދު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެެ މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން ވެސް ވަނީ ޒަހަމްތަކަކާއެކު މީހަކު ފެނިފައެވެ. އަދި އެ މީހައަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.