2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުންކަމަށެވެ. މި ކަންކަން ފުރިހަމަ ކޮށްދިނުމަށް ސިޔާސަތު ތަންފީޒުކުރަމުން ގެންދަނީ އިގްތިސާދީ ގޮތުން ގައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ގައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސިޔާސަތުން، ދިވެހިރާއްޖޭގެ ފަހުރާއި، މިނިވަންކަމާއި، މުސްތަގިއްލުކަން ދަމަހައްޓައި، އަމިއްލަވަންތަކަމާއެކު ފަރުދީ އަދި ޖަމާއީ ތަރައްގީ ގެނެސްދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އުމްރާނީ ތަރައްގީގެ އިތުރުން، ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް އަންނަންޖެހޭ ތަރައްގީ ގެނައުމަށް އިސްކަންދެއްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ތަރައްގީ ގެނައުމަށް، ސަރުކާރުން ފަހުރުވެރިކަމާއެކު ކުރާ މަސައްކަތަށް ރައްޔިތުން ދެމުންދާ އެއްބާރުލުން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތްތަކުގެ ފޮނިމީރުކަން އިހުސާސްކުރެވެމުންދާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

2040 ގެ އަމާޒަށް ވާސިލުވުމަށް ދިވެހި ގައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސިޔާސީ ބަދަލުހިފުމުގެ ރޫހު މިއަދު ދިވެހި ގައުމުން ނައްތާލެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅާފައި ނުވާނޭ ކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ގައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ދިވެހި ރައްޔިތަކީވެސް މުހިންމު ރައްޔިތެއްކަމަށާއި، އެ މީހެއްގެ ބަހާއި އަމަލާއި ވިސްނުން އެ މަނިކުފާނަށް މުހިންމުކަމުގައި، ރައީސް ވިދާޅުވިއެވެ.