ކީރިތި ޤުރްއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ އިމްތިހާނު ކާމިޔާބުކަމާއެކު ފުރިހަމަކޮށްގެން ރަންވަނަ ހޯދި ނ. ހޮޅުދޫ، މެރީ ކޯނާ، ފާތިމަތު ޝަހާ ހުސައިންއާ އިސްލާމިކް މިނިސްޓަރު ޑރ. މުހަމއްމަދު ޝަހީދު އަލީ ސައީދު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
އުމުރުން 22 އަހަރުގެ ޝަހާ ހާފިޒު ކަމުގެ އިމްތިހާނު ފުރިހަމަކޮށް، ހާފިޒު ކަމުގެ ޝަރަފުވެރި ސަނަދު ހާސިލުކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގައެވެ. މިއީ ނ. ހޮޅުދޫގެ ތާރީހުގައި ވެސް އެ ރަށަށް ނިސްބަތްވާ އަންހެން ބޭފުޅަކު ހާފިޒާ ކަމުގެ ޝަރަފުވެރި ސަނަދު ހާސިލުކުރި ފުރަތަމަ ފަހަރަށް ވާތީ، މިއީ އެ ރަށަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ މިފަދަ މަތިވެރި އަދި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވީތީ ޝަހާ އަށާއި އޭނާގެ ލޮބުވެތި އާއިލާއަށް އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި ހިތްވަރު ދެއްވާފައެވެ. އަދި ޝަހާ ފަދަ ޒުވާނުން ޤުރްއާން ހިތުދަސްކުރުމަށް ކުރާ ބުރަ މަސައްކަތަކީ މުޅި މުޖުތަމައަށް ހުރި ނަމޫނާއެއް ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ ޝަހާއަށް ހުރިހާ ހެޔޮ ކަމަކަށް ތައުފީގު ދެއްވައި، ކީރިތި ޤުރްއާނަކީ އޭނާގެ ހިތުގެ ނޫރު ކަމުގައި ލައްވައި، ދުނިޔެއާއި އާހިރަތުގައި އޭނާގެ ދަރަޖަ މަތިވެރިކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވާފައެވެ.
