ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އެހީވާ މީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މާލެ ސަރަހައްދުގައި އެކިއެކި ރެއިޑްތައް ހިންގާތާ މިހާރު މި ވަނީ 8 މަހަށް ވުރެ ގިނަ ދުވަސްވެފައެވެ. ހައްޔަރު ކުރާ ބިދޭސީ މީހާއަށް އަލުން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އިމިގްރޭޝަނުން ދަނީ އެ އެންމެން ޑީޕޮޓު ކުރަމުންނެވެ.
މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ޑީޕޯޓުކޮށްލާފައިވާއިރު މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތަކުގެ އިތުރުން މުޑުދާރުކޮށް ބިދޭސީން ހިންގަމުންދާ ކާބޯތަކެތި އުފައްދާ ފެކްޓްރީތައްވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތާ ގުޅިގެން މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވީ، އާންމު ސިއްހަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ގާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު) ގެ. 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އެޅޭނެ" ޝައްމާން ކުރެއްވި ކުރު ޕޯސްޓުގައި ވެއެވެ.
މި އޮޕަރޭޝަންތައް ހިންގަން ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން އަތޮޅުތަކުގެ ރަށްތަކަށް ހިޖުރަ ކުރަމުންދިޔުމާ ގުޅިގެން ދާދިފަހުން އިމިގްރޭޝަނުން ވަނީ އެކަމަށް އިސްކަން ދީގެން އޮޕަރޭޝަންތައް ފުޅާކޮށްފައެވެ. އެގޮތުން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓެއް ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް ތިބި ބިދޭސީންތަކެއް ވެސް ވަނީ އަތުލައިގަނެފައެވެ.
ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ގާތްގަނޑަކަށް 50،000 ބިދޭސީން މި ފަސް އަހަރުތެރޭ ޑީޕޯޓުކުރުންކަމަށް ޝައްމާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޮޕަރޭޝަންތައް ބޭނުންވާ ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވޭކަން ފާހަގަ ކުރައްވާ އޭނާ އޭރު ވަނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.