ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ ފަރުހާދު ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

ފަރުހާދު ރަޝީދު، މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ، މި މަގާމަށް ފަރުހާދު އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަނީ، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

އޭނާއަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ. އަދި ހުވައިގެ އިގްރާރުގައި ފަރުހާދު ރަޝީދު، ވަނީ ސޮއި ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައިސް މުއިއްޒު ވަނީ ފަރުހާދު ރަޝީދުއާ ޙަވާލުކޮށްދެއްވާފައެވެ.

ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ.