މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީބީއެންޖޭ މުއާހަދާ)ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

އިއްޔެ އދ ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާ ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

އެގޮތުން، 2015 ވަނަ އަހަރުގައި އދ. ގެ އާންމު މަޖްލީހުން ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ. އަދި އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫއު އެކުލަވާލުމަށް ފަހު، ޖޫން 19، 2023 އިސްވެ ބަޔާންކުރެވުނު ގާނޫނީ މަސްދަރު މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި އެ މުއާހަދާ ދިވެހިރާއްޖެއިން ސޮއިކޮށް، ތަސްދީގުކުރުން މުހިންމު ކަމަށް ނިންމެވުމަށް ފަހު، ވަނީ ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ. އަދި މުއާހަދާގައި ބައިވެރިވުމަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެހައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ވަރަށް މަތީ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އެކަން ކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން، ސޮއިކޮށްފައިވާ މުއާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އަދި މީގެ އިތުރުން ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް އެ މުއާހަދާގައި ހިމެނިފައިވާ ކަމާއި މޫއުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުއާހަދާގައި ހިމެނިފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މުއާހަދާގައި ހިމެނިފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލިބޭ މަންފާތައް ހިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުއާހަދާގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ މުއާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ގައުމަކުން ސޮއިކޮށްފައިވާކަން ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ޖުމްލަ 8 ގައުމަކުން މި މުއާހަދާ ތަސްދީގުކޮށްފައި ވާއިރު، ސެޕްޓެމްބަރު 20، 2025 ގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގުކުރިތާ 120 ދުވަސް ފަހުންނެވެ.