ތައިލެންޑުގެ ބެންކޮކުގެ ކުއީން ސިރިކިޓް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ ޕާޓާ ޓްރެވެލް މާޓު ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ފުރުސަތުތައް ދައްކާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް އޮގަސްޓު 27 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ފެއާގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން ދިރުންތަކާއި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހުރި އެކި ފަންތީގެ ޕްރޮޕޮޓީތަކާއި ފުރުސަތުތައް ވަނީ އިޝްތިހާރުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވަނީ މި ފެއާގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ އެކު މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ފެއާގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ އިޔާސް ރިޔާޒް، ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، އަދި މަޓާޓޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އައިމިނަތު ސުޒާން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރްސީ އިން ދަނީ ދިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،309،400 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5،620 ފަތުރުވެރިންނެވެ. އަދި އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަ ކުރާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.