ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ގެއްލުނު "އަކިރިސް" ނަމަކަށްކިޔާ ބޯޓު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން ހޯދައިފިއެވެ.

ގަމުން އެ ބޯޓޫ ފުރާފައި ވަނީ އިއްޔެ ހަވީރުއެވެ. އަދި ބޯޓުގެ ހިލަމެއް ނުވެގެން ހޯދަން ފެށީ ރޭ އިރާކޮޅުއެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓު ފެނިފައި ވަނީ މ.ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށް ކަމަށެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެ ދިވެހީންނާއި 12 ބިދޭސީން ހިމެނޭއިރު މި ބޯޓުން ދަތުރުކުރި އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ބޯޓު ފެނިފައިވަނީ ކޯސްޓް ގާޑުގެ އިންޓަސެޕްޓާ ކްރާފްޓް 'މާފަތް' ލޯންޗަށެވެ.