ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިމާވާ ނުރައްކާތަކާ ކުރިމަތިލެވޭ ފަދަ ވަރުގަދަ އަސްކަރީ ބާރެއް ދިވެހި އަސްކަރިއްޔާގައި އޮތުމުގެ ބޭނުންތެރިކަން މިއަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ކޮމިޝަން ކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޭޖާ ޖެނެރަލް ހިލްމީ ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެށި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ. އަދި ރާއްޖޭގެ ބައުންޑްރީއާ ކައިރީގައި މިނިވަންކަމަށް ނުރައްކާވާ އެތައް ކަމެއް ކޮންމެ ވަގުތަކުވެސް ހިނގަމުންދާ އިރު، އެ ނުރައްކާތައް ރާއްޖޭގެ އެތެރޭގެ ސަރަހައްދަށްވެސް މިހާރު ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުން ރާއްޖެއަށް ލިބިދޭ ބާރުވެރިކަމުގެ ތެރެއިން މެރިޓައިމް ބައުންޑްރީ ބެލެހެއްޓުމާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އަސްކަރީ މަނަވަރުފަހަރުގެ ބޭނުން މިއަދު ވަނީ އިތުރުވެފައެވެ. އަދި 1980 ގައި ކޯސްޓްގާޑުގެ ޚިދުމަތް ފެށުނީއްސުރެ ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ސަރަހައްދުގައި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ ގުޅޭގޮތުން ހިލްމީ ވިދާޅުވީ، ރާއްޖެއަކީ އަސްކަރީ ގޮތުން ބަލިކަށިވާން ޖެހޭ ގައުމެއް ނޫން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ އެންމެ މުހިއްމު ސިޔާސަތަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލް އަސްކަރިއްޔާއެއް ބިނާކުރުން ކަމަށާއި، މިގޮތުން ތުރުކީވިލާތުން ޒަމާނީ ހަތިޔާރާއެކު ނޭވީ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ނަސްރު ދުވަހުގެ ކުރިން ކޯސްޓަލް ސެކިއުރިޓީއަށް ހާއްސަ 20 އެންސްޕްޓް ކްރާފްޓްސް އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ. މިރޭ ކޮމިޝަން ކުރެވުނު އޮސްޓްރޭލިއާ ނޭވީގެ މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ މަނަވަރެއްކަން ފާހަގަކުރައްވައި، ހިލްމީ ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށެވެ.
މި މަނަވަރަކީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އެވެ. އެމްޕީއެލް ހުޅުމާލެ ޕޯޓްގައި ބޭއްވި މި ރަސްމިއްޔާތެއްގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި އަސްކަރިއްޔާގެ އިސްވެރިންނާއި، ކުރީގެ ވެރިން ކުރައްވާފައިވާ އަގުހުރި ގައުމީ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައިވެއެވެ.
