މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި 211 އިމިގްރޭޝަން 52 ގުރޫޕަކަށް ބަހާލައިގެން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އަދި ހަމައެހެންމެ މި ހަރަކާތުން ހޯދާ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވޭނެ ކަމަށް ވެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ އިދާރާއިން ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފާ ހައްޔަރު ކުރަމުންނެވެ.
އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 ތަނެއް ރެއިޑުކޮށް 3،322 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މި މައްސައްކަތުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ފަރާތްތަކުގެ އިތުރުން މުޑުދާރު ކޮށް ކާތަކެތި ހަދާ ފެކްޓްރީތައް ހިންގަމުންދިޔަ މީހުންވެސް ހިމެނެއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މީގެކުރިން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.