ރާއްޖޭގައި އުފައްދާ ޑިވެލޮޕްމަންޓް ބޭންކު އޮފް ދަ މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން އަރުނީ ގުންޓެލީކް އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާކޮށް، ޑައިވާސިފައިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޑިވެލޮޕްމެންޓް ބޭންކްގެ ޗެއާޕާސަން އަރުނީއަކީ ފައިނޭންޝިއަލް ސާވިސް އެކްސްޕާޓްއެކެވެ. އޭނާ ވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު ބައިނަލްއަގްވާމީ ފައިނޭންޝިއަލް މާކެޓުގައި މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ ހާވާޑް ޔުނިވާސިޓީއިން މާސްޓާސް އިން ލޯ (އެލްއެލްއެމް) ހާސިލް ކުރައްވާފައެވެ. އަރުނީ ހާއްސަ ވަނީ ބިޒްނަސް އޮރިޖިނޭޝަން، ގަވާނެންސް، ކްރެޑިޓް އެސެސްމަންޓް، އަދި ކުރިއަރަމުން އންނަ މާކެޓްތަކުގައި ރިސްކް މެނޭޖްމަންޓްގެ ދާއިރާއިންނެވެ.

ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވާ ނޮއެލްއަކީ ގްރީން އިންވެސްޓްމެންޓް ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާ އަންނަނީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާގެ މަގާމު ފުރުއްވަމުންނެވެ. ނޮއެލްއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިހާތަނަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ވަނީ 3 ބޭފުޅަކު އައްޔަން ކޮށްފައެވެ. އެއީ އަހުމަދު އަލީ، ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އަދި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓްއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓްތައް ހެދުމަށާއި ރިނުއުބަލް އެނާޖީގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއް ކަމުގައެވެ.