ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގިނަ ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް އިސްނަގައިގެން ކުރަމުންދެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމެއް މިހާރު ދަނީ ކޮލަމާފުށީގައި ހަރަކާތްތެރިވާކަމަށާއި، ސިފައިންގެ ޓީމުން އެ ރަށަށް ދަނީ ފެންހިއްކުމަށް ބޭނުންވާ ޕަންޕުތަކާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ޓަކައި ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެންކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ 8:30 ން މެންދަމު 2:00 އާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބުނެފައި އެވެ. ހުޅަނގު މޫސުމުގެ ބާރު ގަދަވެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.