ޑިވެލޮޕްމަންޓް ބޭންކު އޮފް ދަ މޯލްޑިވްސް ލިމިޓެޑްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސްއާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ދާދި ދެންމެއަކު ބުނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓާސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ. ނޮއެލް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.
ނޮއެލްއަކީ ގްރީން އިންވެސްޓްމެންޓް ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާ އަންނަނީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާގެ މަގާމު ފުރުއްވަމުންނެވެ. ނޮއެލްއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މިހާތަނަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ވަނީ 3 ބޭފުޅަކު އައްޔަން ކޮށްފައެވެ. އެއީ އަހުމަދު އަލީ، ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އަދި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓްއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓްތައް ހެދުމަށާއި ރިނުއުބަލް އެނާޖީގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއް ކަމުގައެވެ.