ޑިވެލޮޕްމަންޓް ބޭންކްވެގެން ދާނީ ދިވެހިރާއްޖޭގައި ހިދުމަތްދޭ އެހެނިހެން މުއައްސަސާތަކާއި ބައިނަލްއަގްވާމީ މާލީ މުއައްސަސާތައް އަދި އިންވެސްޓަރުންނާ ގުޅިގެން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދިވެހިރާއްޖެއަށް ފަހިކުރުމުގެ ބައިވެރިއަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް ޑިވެލޮޕްމެންޓް ބޭންކެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ ކޮމާޝަލް ބޭންކިން ސެކްޓާގެ ފައިސާ ޖުމްލަގޮތެއްގައި އަމާޒުވަނީ، ކުރު އަދި މެދު ރާސްތާގެ ދަރަންޏަށް އެކަނި ކަމަށެވެ. އެހެންކަމުން އިގްތިސޯދު އޭގެ ފުރިހަމަ ދުވެލީގައި ކުރިއަށް ދިއުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ޑިވެލޮޕްމަންޓް ބޭންކުން މާލީ އެހީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމުގައި އިތުރު ގޮތްތައް ތައާރަފު ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ޑިވެލޮޕްމެންޓް ބޭންކުން ފޯކަސް ކުރާ 5 ދާއިރާ:

  • ހަކަތަ، ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެހެއްޓުން
  • ވަޒަންވެރިކަމާއި ބޯހިޔާ
  • ތިމާވެށި ހިމާޔަތް ކުރުން
  • ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް
  • ކަނޑުގެ މަންފާ އަދި ކަނޑާ ގުޅިފައިވާ އިގްތިސޯދީ ހަރަކާތްތައް

ޑިވެލޮޕްމެންޓް ބޭންކުން 5 ދާއިރާއަކަށް "ފޯކަސް" ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައި ވާއިރު މި 5 ދާއިރާގެ އިތުރުން އިގްތިސޯދީ ތަރައްގީގެ ޕްލޭންގައި ހިމެނޭ އެކި ސިނާއަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ވެސް ޑިވެލޮޕްމަންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ޑިވެލޮޕްމެންޓް ބޭންކް މުހިންމުވާ ސަބަބުތައް:

  • ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދަމަހައްޓާ، އަންނަން އޮތް ޖީލުތަކަށް މަންފާވާނެ ފަދައިން ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުން
  • ސަރަހައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަަރަގު ކުޑަކުރުން
  • މަންފާއެއް ނުލިބި ގިނަދުވަސްވެފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރުން
  • ޓޫރިޒަމްގެ ސިނާއީ އިންފްރާސްޓްރަކްޗާ ބާނުވެ ހިފެހެއްޓުން
  • ދައުލަތުން ހަރަދުކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށް ބޭނުންވާ މަރާމާތާއި ބެލެހެއްޓުން
  • ރަނގަޅު ފެންވަރުގެ ހޯހިޔާވައްސާއި، ވަޒަންވެރިވާނެ ޒަމާނީ މާހައުލުތައް އުފެއްދުން
  • ދުވަސްވީ އުމުރުގެ މީހުން އިއްޒަތާއި ގަދަރާއެކު ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުން
  • ދައުލަތުގެ ދަރަނި އަނބުރާދެއްކުމާއި، ދަރަނީގެ ބުރަ އަންނަ އޮތް ޖީލުތަކަށް ލުއިކުރުން

އިކޮނޮމިކް މިނިސްޓްރީއިން ބުނީ އެމެރިކާ ޑޮލަރުގެ ދަތިކަން ކުރިމަތިވަނީ ރާއްޖޭގެ މާލީ ނިޒާމު ރޭވިފައިވާގޮތުން ކަމަށެވެ. ނަމަވެސް ޑިވެލޮޕްމެންޓް ބޭންކް މެދުވެރިކޮށް، ދިވެހިރާއްޖެއަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓްތައް އިތުރުކުރުމާއެކު ޖުމްލަގޮތެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު މެދުވެރިކޮށް ލިބެންހުރި ޑޮލަރުގެ އަދަދު އިތުރުކުރުމުގެ ދޮރު ހުޅުވިގެންދާނެކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މާލީ ގޮތުން ދެކޮޅުޖެހޭ ޕްރޮޖެކްޓްސްތަކަށް އިންވެސްޓްކުރުމުން، އިގްތިސޯދު ފުޅާވެގެންދާނެކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީއިން ބުނީ ޑިވެލޮޕްމަންޓް ބޭންކުގެ ބޭރު ފައިސާގެ ރިޒާވު ވެސް އިތުރުވުމާއެކު، ދައުލަތުގެ ރިޒާވަށް ވެސް ބޮޑު ބަދަލެއް އަންނާ ކަމަށެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.