ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.03 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ 2026 އޮކްޓޫބަރު 31 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރިއިރު، އޭގެތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން 1030 ގުރާމުގެ ސިންތެޓިކް ކެތިނޯން އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން 2026 އޮކްޓޯބަރު 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި ހުރި 2123 ގްރާމްގެ ސިންތެޓިކް ކެތިނޯން ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

ދާދި ފަހުންވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ވެސް ވަނީ އަތުލައިގެންފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައި 3.3 ކިލޯގެ ކެނަބިސް މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހުވެސް ރާއްޖެއައި އިންޑިއާގެ މީހެއްގެ އަތުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފައި ވެއެވެ. އަދި ހަމަ އެ މަހުގެ މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.