ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފިއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކު ރާއްޖޭގައި ހިންގުމަށް ލައިސަންސް ލިބުމަކީ ފާހަގަ ކޮށްލެވޭ ތާރީހީ ކާމިޔާބީއެއް ކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ ދަށުން ކުރިއަށްދާ ކަމެއްކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް މިއަދު އިކޮނޮމިކް މިނިސްޓަރު ސައީދާ ހަވާލުކޮށްދެއްވާފައި ވަނީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

މި ބޭންކުގެ ސީއީއޯކަމަށާއި ޗެއާޕާސަން ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ރާއްޖެއިން ބޭރުގެ ދެ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެގޮތުން ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އަދި އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކޮށްފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ އަރުނީ ގުނެތިލަކައަކީ 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެއް ކަމަށާއި، ސްރީލަންކާގެ ބައެއް ބޭންކްތަކުގެ އިސް މަގާމުތައް ވެސް އޭނާ ފުރުއްވާފައި ވާކަމަށެވެ.

މީގެއިތުރުން ޑިވެލޮޕްމަންޓް ބޭންކަށް ތިން މެމްބަރުން ވެސް ވަނީ އައްޔަން ކުރައްވާފައެވެ. އެ މެމްބަރުންނަކީ އަހުމަދު އަލީ، މއ. ވޭސައިޑް، ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، (ސިންގަޕޫރު) އަދި ރޮބާޓް ޑެނިއެލް ކާންޓް، (ޔުނައިޓެޑް ކިންގްޑަމް) އެވެ.

ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމުގެ އިތުރުން އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.