އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެ ޕްރޮޖެކްޓަށް ލިބެންޖެހޭ ފައިސާ ހޯދިފައި ނުވާކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުން ފެށި ހަންކެޑެ އިންޓެގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުން ކަންބޮޑުވުންފާޅުކޮށް މޭޔަރު ނިޒާރު ވިދާޅުވީ މި ޕްރޮޖެކްޓަކީ އައްޑޫގެ ތަރައްގީއަށް މިގަރުނުގައި ގެނެވޭނެ އެންމެ ބޮޑު އިގްތިސާދީ ހެޔޮ ބަދަލުކަމަށެވެ. ހަންކެޑެ ޕްރޮޖެކްޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގެ ހިކުމަތުން އައްޑޫ ސިޓީގެ އިގްތިސާދު ބަދަލު ކޮށްލަން ފެއްޓެވި މުހިއްމު މަސައްކަތެއްކަމުގައެވެ.
"މިވަގުތު ހަންކެޑެ ތެރެއިން މަސައްކަތް ތަކެއް ކުރިއަށް ދާހެން ހީވިއަސް މިކަމުން އުފަލެއް އިހްސާސްއެއް ނުކުރެވޭ. ސަބަބަކީ އަދިވެސް މި ޕްރޮޖެކްޓްއަށް ލިބެންޖެހޭ ފައިސާ ހޯދިފައި ނުވާކަން." ނިޒާރު ވިދާޅުވިއެވެ. އިތުރަށް ނިޒާރު ވިދާޅުވީ މި މަސައްކަތުގެ ތަފްސީލީ ކުރެހުންތައް ނެތި ރަށުތެރެއިން ރުއްގަސް ކަޑަމުން ދާކަމަށާއި ޗައިނާގެ ބޮޑުކުންފުންޏަކުން ކުރަންޖެހޭ މަސައްކަތްތަކެއް، ބާ ވެފައިވާ ކުޑަ އެކިއުޕްމެންޓްތަކުން ގޮތްނޭގޭ ބަޔަކު ކުރަމުންދާކަމަށެވެ. "އަޅުގަޑުމެންގެ އުއްމީދަކީ ހަންކެޑެ ޕްރޮޖެކްޓް "ސްކޭމް" އަކަށް ނަހައްދަވައި މިމަސައްކަތް ކުރިންވެސް ރޭވިފައިވާ ގޮތައް ކުރިއަށް ގެންގޮސްދިނުން." ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ހަންކެޑެ ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ)އާއެވެ. ހަންކެޑެ ތަރައްގީ ކުރަން އެމްއެފްއެމްސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާއެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޗް 30، 2023 ގައެވެ. ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއުގައި ޖުމްލަ 1،041 ކޮޓަރި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަރަދޫ އާއި އިންވެގެން އޮންނަ ހަންކެޑެ، މަޝްރޫއު ލޯންޗުކުރުމަށް އެޕްރީލް 14، 2024 ވަނަ ދުވަހު ހަވާއެރުވުމާއެކު ބޮޑު ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، މިހާރު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.