މާދަމާ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ކަމަނާ'' އަކީ ހަމައެކަނި ފިލްމެއް ނޫންކަމަށާއި އެއީ ގެވެށިއަނިޔާ ގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް އެކަމުން ސަލާމަތްވުމަށް ދެވޭ ހިތްވަރެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނެފިއެވެ.

ޝާނީޒް ފޭސްބުކް ގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ މި ފިލްމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާ އާ ދެކޮޅަށް ތެދުވުމަށް މުޅި މުޖުތަމައު އަށް ދެވޭ ވޭކްއަޕް ކޯލެއް ކަމަށެވެ. ފިލްމު ރިލީޒްކުރުމަށް ކުޑަތަން ވެފައިވާއިރު، މި ފިލްމާއި ދޭތެރޭ އާންމުންގެ ތަރުހީބު ވަރަށް ބޮޑެވެ. އަދި ފިލްމުގެ ޓިކެޓް ވިއްކަން ފެށިފަހުން ފިލްމަށް އޮތް ޑިމާންޑް ބޮޑުވެ، ކޮންމެ ހަފްތާ ބަންދެއްގައި ދަންވަރު ޝޯތަކެއް އެޅުވުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާ ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯގެ އިތުރުން 23:30 ގައި ފިލްމްގެ ޝޯތައް ކުރިއަށް ދާނެއެވެ.

ދިވެހި ފިލްމު ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.