ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ އަހުމަދު އަލީ އާއި ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓް އެވެ.

އެކައުންޓިން ދާއިރާ އާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައި ވާ އަހުމަދު އަލީ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް މީރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ. އެންމެ ފަހުން އޭނާ މީރާގައި އަދާކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލްގެ މަގާމެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އިރުޝާދާއެކު އުފެއްދި މި ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް އެދުނީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމެވެ.