ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ހުސްވި ކަމަށް ދެކެވޭ ވާހަކަ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޮގުކޮށްފިއެވެ.

ބޭނުން ކުރެވޭ ރިޒާވްގެ މައުލޫމާތު އެ އޮތޯރިޓީއިން މަހުންމަހަށް ޝާއިއުކުރަމުންދާ ކަމަށާއި ރިޒާވް ހުސްނުވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށް ވުރެ އޮގަސްޓް މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ އެމްއެމްއޭއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އިކޮނޮމިކް މިނސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ދޮގުކުރައްވާފައެވެ.