ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތު އާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލއިފިއެވެ.

މިއަދު އިންޑިއާ ސަރުކާރުން ވަޗުއަލްކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގައި ތަގުރީރުކުރައްވަމުން މޫސާ ޒަމީރު ވަނީ 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާ އިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ. އަދި، މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެންބަރު ގައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މޫސާ ޒަމީރު ވަނީ ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަށް އަދާހަމަކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަމުގައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެފަދަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ގްލޯބަލް ސައުތުއާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ފާހަގަކުރެއްވިއެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެންބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފްތިތާހްކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓަރީ އޮފް އެކްސްޓަނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރްއެވެ.

މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ޝިއާރަކީ، "ޗާޓިން އަ ނިއު ޕެރެޑައިމް ފޮ ގްލޯބަލް ސައުތު" އެވެ.