ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ އޮކްޓޯބަރު 17 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ އަބްދުﷲ ސައްމާހް ހަސަން ސާދިގް (20އ) އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި، އަހްމަދު ސިނާޒް (30އ) މަލަ / ކ. ގާފަރު، ގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.
މި މީހުންގެ ތެރެއިން އަބްދުﷲ ސައްމާހް ހަސަން ސާދިގަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. އަދި އަހްމަދު ސިނާޒް އަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. ފުލުހުން ބުނީ މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ،
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ޗެކްޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.
މި ހާދިސާގައި އެ އޮފިސަރުގެ މޫނުމައްޗަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
