މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި އުޅޭ ރައްޔިތުންނަށާއި އެ މަގުތަކުން ދަތުރުކުރާ އާންމުންނަށް ތަކުރާރުކޮށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަހުމަދު ފައިރިޝް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި އަނިޔާ ލިބޭ އާއިލާއަކަށް ނިސްބަތްވާ އާންމު ރައްޔިތަކު ފުލުސް އޮފީހަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި ވަނިކޮށެވެ.

ފުލުހުންގެ އިދާރާގައި އިހުތިޖާޖުކުރި މީހާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަހައްދުގެ މީހުންނަށް އިންތިހާއަށް އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަގުންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ހިމެނެއެވެ.

މީގެއިތުރުން، އެ ސަރަހައްދުގެ ގެއަކަށް ކުނިއެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން، ދަންވަރުން ފެށިގެން ފަތިސް ވަންދެން ހަޅޭއްލަވައި އަޑުގަދަކުރުމާއި، ހުއްދައަކާ ނުލައި މީހުންގެ އިމާރާތްތަކަށް ވަދެގަތުން ފަދަ ނުރައްކާތެރި އެތައް އަމަލެއް އޭނާ ކުރަމުންދާ ކަމަށް ވީޑިއޯ ހެކިތަކާއެކު އޭނާ ވަނީ ފާހަގަކޮށްފައެވެ.

https://www.facebook.com/20531316728/posts/10154009990506729/

އެ މީހާ ބުނެފައިވަނީ، މި މައްސަލަ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓުކޮށް ހެކި ހުށަހެޅި ނަމަވެސް، މީގެ ކުރިން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މިހާރު އޭނާ ހައްޔަރުކުރި ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލާނެ ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބި އާއިލާއަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އާންމުންގެ އެ ކަންބޮޑުވުންތަކަށް ފުލުހުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި މި މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުންދާ ކަމަކަށް ވާތީ، މިކަމަށް އެކަށީގެންވާ އަދި ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.