އިޒްރޭލުގެ ކެބިނެޓް ދެ މިނިސްޓަރުން އިސްވެ ތިބެ ޔަހޫދީ ގްރޫޕަކުން އަލް-އަގްސާ މިސްކިތައް ވަދެގަނެ މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައިގައި ޔަހޫދީންގެ އެ އަމަލު ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލު ސަރުކާރުގެދެ ވަޒީރުންނާއި ސެނެޓްގެ މެންބަރުން ހިމެނޭގޮތަށް، އަލް-ަގްސާ މިސްކިތަށް ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިއީ މުސްލިމް އުއްމަތުގެ އެންމެ މާތް އެއް ތަނުގެ މާތްކަމާއި ހިލާފު ކަމެއް ކަމަށެވެ. އިޒްރޭލުން އަލް-އަގްސާ މިސްކިތަށް ތަކުރާރުކޮށް ވަދެ، އެ ސަރަހައްދުގެ ހަމަޖެހުމާއި ހަމަޖެހުން ގާއިމުކުރުމުގެ އުއްމީދުތަކަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަމުންދާތީ ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، ފަލަސްތީނުގެ ހަމަނުޖެހުންތަކަށް ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް ފޮރިން މިނިސްޓްރީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
އަލް-އަގްސާ މިސްކިތަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގަވިއާއެވެ. އަލްއަގްސާ މިސްކިތުގެ ގޯތި ތެރެއަށް މި ގްރޫޕް ގޮވައިގެން ބެން-ގަވިއާ ވަނީ ޔަހޫދީ ދީނުގެ ލަވަ ކިޔަމުންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންވެފައެވެ.
އަލް-އަގްސާ މިސްކިތުގެ ގޯތި ތެރެއަށް މި ގްރޫޕް ވަދެ ޔަހޫދީ ދީނުގެ އަޅުކަމެއް ކުރިކަމަށް އަލް ޖަޒީރާ އިން ބުނެފައި ވެއެވެ. އެ ގްރޫޕް މިސްކިތަށް ވަތް ދުވަހަކީ ޔަހޫދީން ފާހަގަ ކުރާ ޓިޝަ ބިއާވް ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގްރޫޕުން ގޮސް އަލް-އަގްސާގެ ގޯތި ތެރޭގައި އަޅުކަން ކުރިއިރު އެއީ ޔަހޫދީން އަޅުކަން ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ޔަހޫދީން އަލް-އަގްސާގެ ގޯތި ތެރޭގައި އަޅުކަން ކުރަމުން ދިޔަ އިރު ޔަހޫދީ ފުލުހުންނާއި، ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ގެންދިޔައީ ހިމާޔަތް ދެމުންނެވެ.
މިދިޔަ މަހުވެސް ބެން-ގަވިއާ ވަނީ ވަރުގަދަ ސަލާމަތީ ފައުޖެއް ގޮވައިގެން އައިސް މިސްކިތަށް ވަދެގަނެފައެވެ.