މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހަފްތާގެ ފްލައިޓްތައް ޑިލޭ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއަދު މެންދުރު ކުރިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވަން ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ދަތުރުފަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވެސް އިލްތިމާސްކޮށްފައިވާ މި ދަނޑިވަޅުގައި އެމްއޭސީއެލް އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މި ހަފްތާ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ފްލައިޓް ދަތުރު ކުރާ ގަޑި ލަސްވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓަށް އަންނަ އިރު އެކަމަށް ސަމާލުވެ ރަނގަޅަށް ތައްޔާރުވުމަށް ފަސިންޖަރުންގެ ކިބައިން އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓުން ވަނީ ލަފާކޮށްފައެވެ. އެ މޫސުމީ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މާލެއާއި ރާއްޖޭގެ އިތުރު ރަށްތަކަށެވެ.

ރާއްޖޭގެ މެޓް އޮފީހުން ވެސް ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައެވެ. އެއާއެކު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ކަނޑު ދަތުރު ނުކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.