ފަސް ދުވަހުގެ ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރައިނަށް އިއްޔެ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރު ބަހްރައިނަށް ރަސްމީ ދަތުރެއްގައި ފުރާވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ވަރުގަދަކުރުމާއި އެކުގައި ކުރިއަށް ދެވޭނެ ދާއިރާތަކާ މެދު ދެ ބޭފުޅުން މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ބަހްރައިންގެ ފޮރިން މިނިސްޓަރުގެ އިތުރުން، އެ ގައުމުގެ މާލީ ވަޒީރާއި ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ތެލާ ބެހޭ ވަޒީރުގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ކުރިއަށް ދިއުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޒަމީރާ އެކު ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރާއްޖެ އާއި ބަހްރައިންގެ ގުޅުމަށް މި އަހަރު 44 އަހަރު ވަނީ ފުރިފައެވެ.