ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ" އަށް ބަދަލުކުރި ކުރުމަށް މަރުހަބާ ކިޔާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެ ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ވެލްކަމް އިންޑިއާ" ސިޔާސަތަށް މަރުހަބާ ކިޔާ ކަމަށާއި، މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދާ ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ހަދާނެކަމަށް އެ ޕާޓީ އިން އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން "އިންޑިއާ އައުޓް" ކެމްޕޭނުގައި ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލާ ކަމަށާއި، މި ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާ އާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ކަމީ ހިތާމަ ކުރާ ކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއިން "ބައިނަލްއަގުވާމީ 911 އަށް ގުޅައިފި" ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އިޖާބަ ދޭނީ އިންޑިއާކަމުގެ ޔަގީންކަން ދިވެހިރާއްޖެއަށް އަބަދުވެސް އޮންނަ ކަން ފާހަގަކޮށް އެމްޑީޕީ އިން ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ޑރ. ޖައިޝަންކަރާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ 1000 މުވައްޒަފުން ތަމްރީން ކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމާ ގުޅިގެން އެކަމަށް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާއި، ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިންއާއި، އެމްޑީޕީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގުވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.