ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިވިލް ކޯޓުގެ ފަނޑިޔާރު ގާޒީ ފަރުހާދު ރަޝީދު އިންތިހާބުކޮށްފިއެވެ.

ވާޗުއަލްކޮށް މިއަދު ހެނދުނު 10 އިން މެންދުރު 12 އަށް ބޭއްވި އިންތިހާބުގައި ފަރުހާދުގެ އިތުރުން ހަތަރު ފަނޑިޔާރަކު ވާދަކުރެއްވިއެވެ. އެއީ:

  • ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން
  • ސިވިލް ކޯޓުގެ ގާޒީ އައިޝަރު އަޒްފާ އަބްދުލްޣަފޫރު
  • ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު
  • އައްޑޫ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު

ޖޭއެސްސީން ބުނީ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 166 ފަނޑިޔާރުންގެ ތެރެއިން 163 ފަނޑިޔާރަކު ވޯޓުދެއްވި ކަމަށެވެ. ފަނޑިޔާރުން ވޯޓުދެއްވި ގޮތަށް ބަލާލާއިރު:

  • ސިވިލް ކޯޓުގެ ގާޒީ ފަރުހާދު: 91 ވޯޓު
  • ކްރިމިނަލް ކޯޓުގެ ގާޒީ އިހުސާން: 71 ވޯޓު
  • ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ: 1 ވޯޓު
  • ސިވިލް ކޯޓުގެ ގާޒީ އަޒްފާ އާއި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން: އެއްވެސް ވޯޓެއް ނުލިބޭ

ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލިގޮތަކަށް މިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެން، ވަގުތީގޮތުން އެ ކޯޓުގެ ހިންގުން ފަރުހާދާ ހަވާލުކުރިއެވެ.