ހުރިހާ ދާއިރާއަކުން ވެސް އިންޑިއާއާއެކު ގުޅުން ދަމަހައްޓަވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު ޒަމީރު އެފަދައިން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެއަށް ވަޑައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒަމީރު ވިދާޅުވީ އިންޑިއާއާ ރާއްޖެއާ އޮތް ގުޅުން ހުރިހާ ދާއިރާއަކުން ވެސް ދެމެހެއްޓުމަށާއި އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު މާލެ ވަޑައިގެންފައި ވާއިރު، މާލެ ވަޑައިގަތުމާއެކު އޭނާއަށް މަރުހަބާ ދަންވާފައި ވަނީ މިނިސްޓަރު ޒަމީރުއެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ ޖައިޝަންކަރުގެ ދަތުރަކީ ފޮރިން މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި މީއި 3 ދުވަހުގެ ދަތުރެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓަރު ޖައިޝަންކަރުގެ މި ދަތުރުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މި އަހަރުގެ ޖޫން މަހުގައި ދެވަނަ ދައުރަކަށް މިނިސްޓަރު ޖައިޝަންކަރު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.