އައްޑޫ ސިޓީ، ހާއްސަ އެސްއެމްއީ (ކުދި އަދި މެދުފަންތީގެ ވިޔަފާރި) ޒޯނަކަށް ބަދަލުކޮށް، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި އޮތް ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒޯންތައް ކަނޑައަޅައި، އެ ޒޯންތަކަށް ވަގުތީ މުއްދަތަކަށް އެސްއެމްއީތަކަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައިވާނެ ކަމަށެވެ. އަދި އެފަދަ ފުރަތަމަ ޒޯނުގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ ސިޓީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާނަމަ، އަންނަ ޖެނުއަރީ މަހުން ފެށިގެން ތިން އަހަރު ދުވަހަށް އެ ބިމުގެ ކުލި އެއްކޮށް މައާފުވެގެންދާނެ ކަމަށެެވެ. އަދި މި ޒޯނުގެ ދަށުން ވިޔަފާރިކުރާ ފަރާތްތައް ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އާންމުކޮށް ނަގާ 20 ނުވަތަ 30 ކޯޓާގެ އަހަރީ ފީ ލުއިވެގެންދާނެ ކަމަށާއި، އެސްއެމްއީގެ ބޭނުމަށް އެތެރެކުރާ ވެހިކަލްތަކަށްވެސް އަހަރީ ފީ ދައްކަން ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވިގޮތުގައި މި ބަދަލުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ވިޔަފާރިތައް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.