އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.
ޖައިޝަންކަރު މާލެ ވަޑައިގަތުމާއެކު އޭނާއަށް މަރުހަބާ ދަންވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ ޖައިޝަންކަރުގެ ދަތުރަކީ ފޮރިން މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި މީއި 3 ދުވަހުގެ ދަތުރެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓަރު ޖައިޝަންކަރުގެ މި ދަތުރުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އިންޑިއާގެ އެގްޒިމް ބޭންކްގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ކެޕޭސިޓީ ބިލްޑިން ދާއިރާތަކާ ބެހޭ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިއީ މި އަހަރުގެ ޖޫން މަހުގައި ދެވަނަ ދައުރަކަށް މިނިސްޓަރު ޖައިޝަންކަރު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.