އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާ އަށް މިވަގުތު ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.
ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލެއް ދެ ގައުމުން އަދި ހާމަ ނުކުރެއެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޚަލީލާއި ޖައިޝަންކަރު ވަނީ މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖޭގެ ތަރައްގީއަށް އައި ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދޭދޭ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޚަލީލް ވަނީ ރާއްޖެ މާލީ ހާލަތުން އަރައިގަތުމަށްޓަކައި އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ އިން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީ އަށް ދެމުންދާ އެހީތެރިކަން ވެސް ފާހަގަކުރައްވައިފައެވެ. ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އޮންނާނީ އަބަދު ވެސް ރާއްޖެ އާ އެކު ކަމަށެވެ.
މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޚަލީލް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާ ވަރެއް ނޯންނާނެ